ދިވެހި ފުޓްބޯޅައިން ރާއްޖެއަށް ލިބައިދިން ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކިޔައިދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިކަންކަން ކިޔައިދެއްވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވަމުން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު އެ ޕޯސްޓުގައި އެންމެ ފުރަތަމަ ވިދާޅުވީ، ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމުގައެވެ.
”ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައި. ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީހެއިތުރުން އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުންދާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހަކީ ދުނިޔޭގެ ފުޓްބޯޅަ ދުވަސް ކަމުގައި އެންމެ ފުރަތަމަ ކަނޑައެޅީ ބަހްރެއިނުންނެވެ. މިއީ ފުޓްބޯޅައަށް މުޅި ދުނިޔެއިންވެސް އަހައްމިއްޔަތުކަންދޭ ކަމާއި ފުޓްބޯޅައިގެ އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.



