ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މުޢިއްޒު މި ބިލު ތަސްދީގު ކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނާއެކު ހޯމް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ އިތުރުން ފުލުހުންގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ތަސްދީގު ކުރެއްވި މި ބިލުގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގުތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންކަން ބަޔާން ކޮށްފައިވެއެވެ.
މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެންބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާކުރުމުން ކޯޓުތަކަށެވެ.
ނަމަވެސް މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގް ލީޑަރެއް ކަމަށް އަދި މެންބަރެއް ކަމަށް ކަނޑައަޅައިފައެއް ނުވެއެވެ. އަދި އެ ގާނޫނުގެ ދަށުން މީހަކަށް އަދަބެއް ދީފައެއް ނުވެއެވެ.
ރާއްޖޭގައި ގޭންގު ކުށްތައް މަދުކުރުމަށާއި އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު، ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެންބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އެގޮތުން ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް ބިލްގައިވެއެވެ.
އެގޮތުން، ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގެ ފުރަތަމަ ޑްރާފްޓްގައި ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެންބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް އޮތް ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ބިލްގައި ހިމަނާފައި ވާއިރު އެކަން ހާސިލު ކުރުމުގެ ގޮތުން، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އަދި ގޭންގެއްގެ މެންބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލުގައިވެ އެވެ. އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބިލްގައި ބަޔާންކުރެއެވެ.
މީގެއިތުރުން ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލްގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.



