އެއްވެސް ކަމެއް ރަނގަޅު ކުރުމުގައި، ކުރައްވަން ޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ގޭންގު ކުށްތައް ހަރުކަށި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަންދީގު ކުރެެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ހުރިހާ މަސައްކަތެއް ވެސް ކުރައްވަނީ ވަރަށް އިޚްލާސްތެރިކަމާއެކު ކަމަށާއި އެމަނިކުފާނު ކުރައްވާ އެއްވެސް ކަމެއް ކުރައްވަނީ ”ނަމެއްގައި ކުރާ ކަމެއްގެ ގޮތުގައެއް“ ނޫން ކަމަށެވެ.
”އަޅުގަނޑު ބޭނުންވަނީ ހަގީގީ މާނައިގައި ޤައުމުގައި މިހުންނަ މައްސަލަތައް ހައްލު ކުރަން. އެހެންވީމަ، ގޯހެއް ކުރިން ހިނގާފައިވާނަމަ އެކަމެއް ރަނގަޅު ކުރުމުގައި އެއްވެސް ވަރަކަށް ފަސްޖެހުމެއް ނޯންނާނެ. އެއީ ތަހުގީގީ މަރުހަލާގައި ކަމުގައިނަމަވެސް، އެހެން މަރުހަލާއެއްގައި ކަމުގައިވީނަމަވެސް. އެކަމެއް ރަނގަޅު ކުރުމުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދުގެ ވާހަކަފުޅުގައި ވެސް ރައީސް ވަނީ، ފުލުހުންގެ އިދާރާގެ ފުލުހުންގެ އިދާރާގެ ވަސީލަތްތައް ފުރިހަމަ ކޮށްދެއްވައި ތަމްރީނުތައް ވެސް ދެއްވާނެ ކަމަށް އެމަނިކުފާނު ދެންނެވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ބިލެއް ތަސްދީގުކުރައްވައި ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރުން ކަމަށާއި މި ގާނޫނާ އެއްގޮތަށް ”ކުށްކުރާ މީހާއަށް ބެލުމެއް“ ނޯންނާނެ ކަމަށެވެ.




