ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ ފޮރިން މިނިސްޓަރު ޑރ. ޚަލީލް ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން މި ދަތުރުފުޅަކީ މާދަމާ ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓަރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި ރައީސް އޮފީހާއި ފޮރިން އެފެއާޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.




