ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބްދުލް ކަރީމް، ބަންގްލަދޭޝް (45އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އޭނާ ހައްޔަރުކުރީ މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
އެގޮތުން ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ސިނގިރެޓް ކާޓޫނު ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



