މ. އަތޮޅުގައި ސަރުކާރުން ތަރައްޤީކުރި މުލީ އެއަރޕޯޓުގެ އާއްމު ދަތުރުތައް ފަށައިފިއެވެ.
އެގޮތުން އެ އެއަރޕޯޓަށް ފުރަތަމަ ޝެޑިއުލް ފްލައިޓް ވަނީ އިއްޔެ ޖައްސާފައެވެ.
މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު މުލީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެ އެއަރޕޯޓް ހުޅުވުމާއެކު، މޯލްޑިވިއަންއިން ވަނީ އިއްޔެއިން ފެށިގެން މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ.
މޯލްޑިވިއަނުން ބުނީ މި ޚިދުމަތް ފަށާއިރު މުއްޔަށް ދަތުރުތައް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުކަމަށެވެ.
އެގޮތުން އިއްޔެ ކޮމަރޝަލް ފުރަތަމަ ފްލައިޓް މާލެއިން ފުރީ މެންދުރުފަހު 15:30 ގައެވެ. އަދި މުލިން މާލެއަށް އެނބުރި ދަތުރުކުރީ 16:45 ގައެވެ.
މި ޚިދުމަތް ފެށުމާއެކު، މުލީގެ ރައްޔިތުންނަށާއި އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެއެވެ.



