”އެނަބެލް“ ބުދަކީ ނާމާން އެއްޗެއް ކަމަށް ބޭރުގެ ގިނަ ޤައުމުތަކުން ގަބޫލު ކުރެއެވެ. ހާއްސަކޮށް އެ ބުދުގެ ނަމާ ގުޅުވާފައި ހޮލީވުޑްގައި ފިލްމެއް ތައްޔާރު ކުރި ފަހުން، އެ ބިރުވެރިކަން ގިނަ ބައެއްގެ ހިތްތަކުގައި ވަނީ އިންތިހާއަަށް ބޮޑު ވެފައެވެ.
ތަނެއްގައި އަލިފާން ރޯވިޔަސް، ނުވަތަ ފަަޅު މަގަކުންނާއި ގެއަކުން ތަފާތު އަޑެއް އިވުނަސް، އެއީ އެނަބެލްގެ ސަބަބުންވާ ކަންތައްތަކެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ދާދި ފަހުން އެމެރިކާގެ ނިއު އޯލިއަންސްގެ މިޔުޒިއަމެއްގައި ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެ މިޔުޒިއަމްގައި ބަހައްޓާފައި ހުރި އެނަބެލް ބުދު ގެއްލިއްޖެ ކަމަށް މިދިޔަ ހަފްތާގައި ރިޕޯޓު ކުރުމާއެކީ، އެ ހިސާބުގަނޑު މީހުންނާއި ސޯޝަލް މީޑިއާގައި ވެސް އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ހިއްސާ ކޮށްފައެވެ. ހާއްސަކޮށް އެ ބުދު ގެއްލުނު ކަމަށް ބުނާ ދުވަހު، އެ ސަރަހައްދުގައި ތަފާތު އެކިކަހަލަ ހާދިސާތައް ވެސް އިއްތިފާގުން ހިނގުމުން، ގިނަ މީހުން ގަބޫލު ކުރީ އެއީ އެ ނާމާން ބުދުގެ ސަބަބުން ހިނގަން ފެށި ކަންތައްތަކެއް ކަމަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އެމީހުންނަށް އެދުވަހު އެމީހުންގެ ގޭތެރެއިން ކުދި ފިޔަވަޅުތަކެއްގެ އަޑުވެސް އިވޭހެން ހީވި ކަމަށާއި ގޭތެރޭގައި ބަހައްޓާފައި ހުންނަ ތަކެތި ވެސް އެހެން ތަންތަނުގައި ބަހައްޓާފައި ހުރިކަން ފާހަގަވި ކަމަށެވެ.
އެ ވާހަކަތައް އިތުރުވީ ލޫސިއަަނާގައި ހުންނަ ތާރީހީ ނޮޓޮވޭ ރިސޯޓުގައި ކުއްލިއަކަށް ހިނގި އަލިފާނުގެ ހާދިސާއިންނެވެ. ގިނަ މީހުން ބުނެފައިވަނީ، އެއީ އެނަބެލް ބުދުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި އެއީ އެ ބުދު ”ރުޅި އައިސްގެން“ ހިންގާ ނާމާން ކަންތައްތަކެއް ކަމަށެވެ.
އެ ބުދު ވީހާވެސް އަވަހަށް ހޯދައި އަނބުރާ މިޔުޒިމްގައި ތަޅުލާފައި ބެހެއްޓުމަށް، ނުވަތަ އޭތި އެއްކޮށް ނައްތާލުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
މީހުންގެ ހިތްތަކުގައި ހާސްކަމާއި ބިރުވެރިކަން އިންތިހާއަށް އިތުރުވި އެ ދަނޑިވަޅުގައި ނިއު އިންގްލެންޑް ސޮސައިޓީ ފޮ ސައިކިކް ރިސާޗް (އެން.އޭ.އެސް.އާރް) ގެ ފަރާތުން ޑޭން ރިވޭރިއާ އޭގެ އަނެއް ދުވަހު ސޯޝަލް މީޑިއާގައި ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އެނަބެލް ބުދު މިޔުޒިއަމްއިން ނުގެއްލޭ ކަމަށާއި އެއީ ބަޔަކު ފެތުރި ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވީޑިއޯގައި ޑޭން ވަނީ، އެނަބެލް ބުދު، ބިއްލޫރި ޝޯކޭސެއްގައި ބަހައްޓާފައި ހުރި މަންޒަރު ދައްކާލާފައެވެ.



