ރިވައިޒްޑް މާސްޓާ ޕްލޭންގެ ދަށުން، ބިންވެރިޔާ ސްކީމުން ގޯތި ލިބި ބަނދަރުގެ ޖާގަ އިތުރުވެގެންދާނެ ކަމަށް އެޗްޑީސޫގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއިއެކު ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުވާނެ ގޮތަށް ކަމަށެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިމިވަނީ ހުޅުމާލޭގެ ފުރަތަމަ މާސްޓަރ ޕްލޭން އަށް 24 އަހަރު ފަހުންނެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ހުޅުމާލެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު މިހާރު ރައީސްގެ ނިންމެވުމެއްގެ ދަށުން ހުޅުމާލޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މުހިންމު އެއް ބޭނުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ޖާގަ އެންމެ ރަނގަޅަށް ނުހިފޭތީ ރިވައިޒްކުރި މާސްޓަރ ޕްލޭންއާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
”ހުޅުމަލޭގެ މާސްޓަރ ޕްލޭން ރިވައިޒްކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ސްޕޭސް މިއޮތީ ވަރަށް ބޮޑަށް ކޮންޕްރޮމައިޒްވެފައި. ރަށެއްގެ ބަނދަރީ އެރަށަކަށް އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އެހެން ވަސީލަތްތަކެއް ރަނގަޅަކަށް ނުހިނގާނެ. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ އިއްޒަތްތެރި ރައީސް އިރުޝާދު ދެއްވިގޮތައް ބިންވެރިޔާ ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުކުރެވޭ ވަރަކަށް ބޮޑުކުރުމުގެ މަސައްކަތް. މިހާރު ރިވައިޒްޑް މާސްޓަރ ޕްލޭންގެ ހޯލް މަފްހޫމަކީ އެއީ.“ އެޗްޑީސީގެ އެމްޑީ ވިދާޅުވިއެވެ.




