ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސްފައިވަނީ އިތުރު 93،000 ވަޒީފާ އުފެދިގެންދާނެ ގޮތަށްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރ އަހުމަދު ޒިނަފް، މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލުތައް ތަފްސީލު ކޮށްދެއްވަމުން ވިދާޅުވީ، ކުރިން އެކުލަވައިލި ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި 133000 ވަޒީފާގެ ފުރުސަތު އޮތްއިރު، ފަހުން ގެނެވުނު ބަދަލާއެކު 93000 ވަޒީފާ އިތުރުކޮށް، 224000 ވަޒީފާ މިހާރު އިތުރުކޮށްފައިވާނެ ކަމަށެވެ.
”މި ބަދަލު މި ގެނައީ، ކޮމާޝަލް ސްޕޭސްއާއި، އޮފީސް ސްޕޭސްތަކާއި އަދި މީހުން ވަޒީފާއަށްދާނެ އިތުރު ޓްރޭޑްސްތަކާ އެއްޗެހި އިތުރުކޮށްގެން. ވަޒީފާގެ ބާޒާރަށް އިތުރު 93000 ވަޒީފާ އިތުރު ކުރެވިގެން ދިޔުމަކީ މާސްޓަރ ޕްލޭނަށް ގެނެވުނު ވަރަށް ހެޔޮ ބަދަލެއް“ ޒިނަފް ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒްކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށެވެ.


