ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ މީހުންގެ ފުރަތަމަ ގްރޫޕު މިއަދު މައްކާއަށް ފުރައިފިއެވެ.
އެގޮތުން ރާއްޖެއަށް މިއަހަރު ލިބުނު 1،000 މީހުންގެ ކޯޓާގެ ތެރެއިން މިއަދު ފުރީ 235 ޙައްޖާޖީންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، އެކި ފްލައިޓުތަކަށް ބަހާލައިގެން މިއަހަރުގެ އެންމެ ފަހު ގްރޫޕު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ.
ޙައްޖުވެރިންނަށް ފަސޭހަކޮށް ދިނުމަށް ރާއްޖެއިން ވަނީ ”މައްކާ ރޫޓު އިނީޝިއޭޓިވް“ގައި ވެސް ބައިވެރިވެފަ އެވެ.
”މައްކާ ރޫޓް އިނީޝިއޭޓިވް“ އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޚާއްސަ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ދަށުން ޖިންދާ އެއާޕޯޓުގައި ވެސް ޙައްޖުވެރިންނަށް މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
ރާއްޖެއަކީ މި އިނީޝިއޭޓިވްގެ ދަށުން ބައިވެރިވާ 8 ވަނަ ޤައުމެވެ. އެހެންކަމުން މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބުނު ތާރީހީ ފަސޭހައެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.



