މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކިޔުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުޙަބާއެއް ކިއި ފުރަތަމަ ފަހަރުކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާއިރު، ޙައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެއްކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެއް ކަމަށެވެ.



