ލ. ގަމުގައި އަޅަން ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެއެވެ.
އެ ބައްދަލުވުމުގައި ލ. ގަމު ކައުންސިލްގެ ރައީސާއި ނޭޝަންލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު މެމްބަރުންނާއި ޓެކްނިކަލް ސްޓާފުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ ފެސިލިޓީ ޤާއިމުކުރުމަށް ބޭނުންވާ ލޭންޑް އޭރިއާ އެލޮކޭޝަން އާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އަދި ޓްރީޓްމަންޓް ޕްލޭންގެ ބާވަތްތައް ދެނެގަތުމާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ހަމައެހެންމެ މިފަދަ ސެންޓަރެއްގެ ސްޓްރެޓެޖިކް މުހިންމުކަމާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފަވާއިރު މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައިސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.




