ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓަށް ބަލައި ގަންނަން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ މުއާމަލާތް ކުރައްވާފައިވާ ކަމަށް ދެކެވުނުު ވާހަކަތައް ރައީސް ނަޝީދު ދޮގު ކުރައްވައިފި އެވެ.
އެފަދަ ތުހުމަތުތަކެއް ކޮށްފައިވަނީ އިއްޔެ ”ރާއްޖެ އެމްވީ“ އިން ލިޔެފައިވާ ޚަބަރެއްގައެވެ.
އެ ޚަބަރާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އޭގައި ހިމެނެނީ ހުސް ދޮގު މައުލޫމާތު ކަމަށެވެ.
އެ ޚަބަރުގައި ވަނީ ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި މުއުތަސިމް އާއި ރައީސް ނަޝީދާ ގުޅޭ ގޮތުން ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމެވުމުން، އުއްތަމަ ފަނޑިޔާރު ރައީސް ނަޝީދާ ގުޅުއްވައި މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ލަފާގެ މަތިން އެ މައްސަލަ ބަލައިގަންނަން ނިންމި ކަމަށް ބުނެފައިވެއެވެ.
އަދި މުއުތަސިމް ފޯނުން ރައީސް ނަޝީދު އާ ގުޅުއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އުއްތަމަ ފަނޑިޔާރާ ގުޅުއްވައި ވަނީ ”ބިރު ދައްކާފައި“ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ޚަބަރާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ޚަބަރުގައި ”އަލިފުން ޔާއަށް“ ލިޔެފައިވަނީ ހުސް ދޮގު ކަމަށެވެ.
މީގެއިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ނަޒާހަތްތެރިކަމާ މެދު މިހާތަނަށް އެއްވެސް ސުވާލެއް އުފެދިފައި ނުވާ ކަމަށް ބުނެ ރައީސް ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރަށް ތައުރީފު ވެސް ކުރައްވާފައެވެ.



