ދުވަސްގަނޑަކަށް މެދުކެނޑުމަށްފަހު، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ހައްޖުގެ މަތިވެރި އަަޅުކަން އަދާކުރުމަށް ސައުދީއަށް ދިވެހިން އުފުލަން ފަށައިފިއެވެ.
ހައްޖުވެރިން މީގެ ކުރިން ކޮންމެ އަހަރަކުވެސް މައްކާއަށް ދަތުރު ކުރަނީ ބޭރު އެއާލައިންގެ ފްލައިޓުތައް ޗާޓަރ ކޮށްގެންނެވެ. އެހެންކަމުން މިއީ ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު މޯލްޑިވިއަންގެ ފްލައިޓެއްގައި ދިވެހިން ހައްޖަށް ގެންދަން ފެށި ފުރަތަމަ ދުވަހެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި ފުރަތަމަ ފަހަރަށް ފުރީ ދިވެހި ހައްޖުވެރިންގެ ދެވަނަ ގުރޫޕް ކަމަށާއި އެ މީހުން ހައްޖަށް ދާން ފުރީ މިއަދު ހެނދުނު 8:00 ގައި ކަމަށެވެ.
އެ ފްލައިޓުގައި 255 މީހުން މިއަދު ފުރާފައިވާއިރު އެ ފްލައިޓު ޖިއްދާ އެއާޕޯޓަށް ޖައްސާނެ ކަމަށް ބެލެވެނީ ސައުދީ ގަޑިން 11:00 ގައެވެ. އެއީ ރާއްޖޭ ގަޑިން 13:00 އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި 500 ހައްޖާޖީން ދަތުރުކުރާނެ ކަމަށެވެ. މިއީ ރާއްޖެ އަށް ސައުދީން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 ޕަސެންޓު ކަމަށެވެ.



