އެން ރައްކާތެރިކުރުމާއި ދޯނިފަހަރުގައި ކަންނެލި ގެންގުޅޭނެ ގޮތުގެ ސެމިނާ ފަށައިފިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ބްލޫ އިކޮނޮމީ ޕްރޮމޯޓްކޮށް އެން ރައްކަތެރިކުރުމާއި ދޯނިފަހަރުގައި ކަންނެލި ގެންގުޅޭނެ ގޮތުގެ ސެމިނާ ފަށާފައި ވަނީ މިއަދު އެވެ.
މީރުމާ ހޮޓެލްގައި ފެށި އެ ސެމިނާ ޝަރަފްވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސެމިނާގައި މަސްވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުންތަކާއި ޓެކްނޮލޮޖީގެ އެހީގައި ދިރޭ އެން ދޯނީގައި ރައްކާ ކުރާނެ ގޮތުގެ މައުލޫމާތު ދޭނެ ކަމަށެވެ.
އަދި ވަން ބައި ވަން ޕޯލް އެންޑް ލައިން އާއި ހެންޑްލައިން ޓޫނާ މަސްވެރިކަމާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ސެމިނާގައި މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރިތައް ގުޅުވާލުމަށާއި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާއި، ފެންވަރާއި، ދުނިޔޭގެ ވާދަވެރިކަން ކުރިއެރުވުމުގެ މައުލުމާތުވެސް ދޭނެ ކަމަށެވެ.
ހަމައެހެންމެ މި މަޝްރޫއުގެ ސަބަބުން ޓޫނާ ރިންގް ތައާރަފްކޮށް، އިކެޖިމޭ މެތޯޑް ތަންފީޒުކޮށްގެން ކަންނެލީގެ ކޮލިޓީ ދެމެހެއްޓުމަށް މަސް ދޯނިފަހަރުގައި އަމަލުކުރާނެ ގޮތާ ގުޅޭ މައުލޫމާތު މި ސެމިނާގައި ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން މޮޑިފައިޑް ބެއިޓް ޓޭންކްތައް ތައާރަފް ކުރުމުން އެމުގެ ވަސީލަތްތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކުދި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓަށް ގެނައުމަށް އެހީތެރިވުމަށް އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރުންނާއި ކަމުގެ މާހިރުން އެ ސެމިނާގައި މައުލޫމާތު ދޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.




