އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުވައި ދެއްވައިފިއެވެ.
އެމަނިކުފާނު މިއަދު ހުޅުވައިދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓް ކުރެވޭނެއެވެ. މި ވިންގާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމުލަ އަދަދު މިވަނީ 510 އަކަށް އިތުރުކުރެވިފައެވެ.
މިއަދުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލެ ސަރަޙައްދުގެ ސިއްޙީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހު އައި.ޖީ.އެމް.އެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ކަމާގުޅޭ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. ބިނާރެކޭ އެއްފަދައިން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމަށްވެސް އެމަނިކުފާނު އިސްކަންދެއްވާކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. އެގޮތުން ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގައި ޢަބްދުއްރައްޒާޤު ހާމަކުރެއްވިއެވެ.
މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވަނީ އެ ވިންގް ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް، ވަޒީރުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑްގެ ޗެއަރޕަރސަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، އެސިސްޓަންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ދަ ޑިޕާޓްމަންޓް އޮފް ސަރޖަރީ ޑޮކްޓަރ މުޙައްމަދު ވަހީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ މަރިޔަމް ޝިފާ، ބައިވެރިވެވަޑައިގަތެވެ.



