މޫނު ބުރުގާ އަޅައިގެން ފިހާރައަކުން ވައްކަން ކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިކަމާ ގުޅޭގޮތުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާގެ މައްޗަށް ކޮށްފައިވަނީ ފިހާރައަކުން 67،500ރ ގެ އޮމެގާ ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމަތު ކަމުގައި ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން މި މައްސަލައާ ގުޅޭގޮތުން ކޯޓުގައި ބުނެފައިވަނީ، އެ ގަޑި ވަގަށް ނަގާފައިވަނީ ތިން މީހަކު ގުޅިގެން ރާވައިގެން ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ ވަގަށް ނަގާފައިވާ އެ ގަޑި އަދި ފެނިފައި ނުވާ ކަމަށާއި ބެލެވޭ ގޮތުގައި އެ ގަޑި މީހަކަށް ވިއްކާލީ ކަމަށް ވެސް ކޯތު އަމުރުގައި ބުނެފައި ވެއެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހާ އަކީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ކުށުގެ ގިނަ ރެކޯޑް އޮތް މީހެެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ގަތުމާއި ވިއްކުން އަދި ބޭނުންކުރުން، ކައުންޓާ ފިޓް ފައިސާ ގެންގުޅުން، ސައިކަލު ވަގަށްނެގުން، ހަތިޔާރު ބޭނުންކޮށްގެން ފޭރުން އަދި އަންހެން ފޭރަން އަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަން ކުރުން ހިމެނެ އެވެ.




