ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގުމުގެ ހުރަހަކަށް ވެފައި ނުވާނެ ކަމަށާއި ހިންގުމަށް ދަތިވީ އެ ކޮމިޝަނުގެ މެންބަރުން އިދާރީ ހިންގުމުގެ ކުދިކުދި ކަންކަމުގެ ތެރެއަށް ވަންނާތީ ކަމަށް ބްރޯޑްކޮމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ވަކިކުރި މަރިޔަމް ޒީނިޔާ ވިދާޅުވެއްޖެއެވެ.
ބްރޯޑްކޮމްގެ މެންބަރުންނާމެދު ކަންބޮޑުވުންތަކެއް ފާޅުކޮށް އެ ކޮމިޝަންގެ މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް އިދާރީ ހިންގުމުގެ އެންމެ އިސް މަގާމުން ޒީނިޔާ ވަކިކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
މަގާމުން ވަކި ކުރުމުގެ ކުރިން މި މަހުގެ 20 ވަނަ ދުވަހު ޒީނިޔާ ވަނީ ތިން ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން ޒީނިޔާ ވަނީ ބްރޯޑްކޮމް އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުން ލަސްކޮށްފައި ބުނެ ދައްކާފައިވާ ފުރަތަމަ ތާރީހުތަކަކީ ޒީނިޔާ އަހަރީ ޗުއްޓީގައި ހުންނެވި ދުވަސްތަކެއް ކަމަށެވެ. އަދި ތަންފީޒުނުކޮށް ލަސްކުރި ކަމަށް ބުނާ ކޮމިޝަނުގެ އެއް ނިންމުމަކީ ބިއުރޯގެ މަސައްކަތްތައް އަވަސްކުރުމަށް ނިންމި ނިންމުމެއް ކަމަށް ވެސް ޒީނިޔާ ވިދާޅުވެފައިވެއެވެ.



