ތެލަސީމިއާ ހުންނަ ފަރާތްތަކަށް ސްޕެޝަލިސްޓް ޑޮކްްޓަރުންނަށް ފަސޭހަކަމާއެކު ދެއްކުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް އެ ގްރޫޕްގެ ދަށަށް ބަދަލުކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެ ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
އެގޮތުން، ލޭގެ އެކި ބަލިތައް ހުންނަ ފަރާތްތަކަށްދޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގައި ތެލަސީމިއާ ބައްޔަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންގެ އާއިލާތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ސީއީއޯ ހަލީމް ވިދާޅުވީ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ ސަބަބުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ތެލަސީމިއާ ސެންޓަރަށް ގޮސް ހަދިޔާ ކުރަން ދަތިވާނަމަ އައިޖީއެމްއެޗުން ވެސް ފަސޭހައިން ލޭހަދިޔާ ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.




