ހުޅުމާލޭގެ ހިޔާ ޓަވަރުގެތެރެއިން ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް މިދިޔަ ހޯމަ ދުވަަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އަދި މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތައް ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން މިހާރު ހިޔާގެ 3 ވަނަ ޓަވަރާއި 4 ވަނަ ޓަވަރުގައިވެސް ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމާ ވިދިގެން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ.
ލިފްޓް ހެދުމުގެ މަޝްރޫއު މިދިޔަ އަހަރުގެ އެޕްރީލް މަހު ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.
މި މަޝްރޫޢުގެ އަގަކީ 18 މިލިއަން ޑޮލަރެވެ.



