ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ތިން މީހުންނެވެ. އެއީ ސަހަޔާ އަޖިން ފްރެންޗިސް (27އ) އާއި ކަރުއްޕިއަހް ސުއްބައިއާ (52އ) އާއި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.
ފުލުހުން ބުނީ އެ ތިން މީހުން މީހުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި މަހުގެ 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އަދި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 30 ފުޅިއާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ތިން މީހުން ޑީޕޯޓުކުރުމަށް މިހާރުވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


