ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި އެ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ މިއީ ދިވެހި ސަރުކާރާއި، ޖަޕާނު އަދި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭ ތަނެއް ކަމަށެވެ.
މިތަނުން ދަނޑުވެރިކަމާއި ގުޅުހުންހުރި ތަމްރީންތައް ހިންގުމުގެ އިތުރުން، ޒަމާނީ، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ބޭނުންވާ ކަންކަން ހަމަޖެހޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެ ތަކެތި އެ ކައުންސިލާއި ހަވާލުކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޔޫ.އެން.ޑީ.ޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގާން، އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޢުގެ އިތުރުން އެ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
މި ސަރުކާރުގެ އަމާޒަކީ ދިވެހި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކޮށް، ކާނާގެ ޔަޤީކަން އިތުރުކުރުމެވެ.




