ޖަމުއިއްޔާތަކުގެ އަގު ވަޒަން ކުރުމަށްދޭ ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްއިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ ”ސިވިލް ސޮސައިޓީ އެވޯޑް“ އަށް ކުރިމަތިލާން ހުޅުވާލާފައިވާކަމަށެވެ.
މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށާއި މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށެވެ.
ޔޫތު މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ އެ މިނިސްޓްރީގެ އީ މެއިލްއަށް ce@youth.gov.mv މެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
މިއީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާތަކަށް ދޭ އިނާމެއް ކަަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.




