މޯރިޓޭނިއާ ފްލައިޓެއް ވެއްޓި 210 ޙައްޖުވެރިން ޝަހީދުވެއްޖެ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް 210 ޙައްޖާޖީންނާއެކު މައްކާއަށް އިއްޔެ ފުރި މޯރިޓޭނިއާގެ ފްލައިޓެއް ވެއްޓިއްޖެ ކަމަށާއި އޭގައި ދަތުރު ކުރި ހުރިހާ ޙައްޖާޖީން ޝަހީދުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ވާހަކަތަކެއް ފެތުރިފައެވެ. އެއާއެކު އެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ކަމަށް ބުނާ ޕޯސްޓެއްވެސް ވަނީ ހަލުވިކަމާއެކު ފެތުރިފައެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ މޯރިޓޭނިއާގެ އެ ފްލައިޓު ވެއްޓިފައިވަނީ ރަތް ކަނޑު ހުރަސްކުރަމުން ދަނިކޮށް ކަމަށެވެ.
ނަމަވެސް ހަގީގަތް ރަނގަޅަށް ބަލައިލުމުން، މިއީ ތެދު ޚަބަރެއް ނޫންކަން ވަނީ އެނގިފައެވެ.
މި ޚަބަރާ ގުޅޭގޮތުން މޯރިޓޭނިއާގެ އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޙައްޖު، އެލް ވާލީ ޠާހާ ބުނެފައިވަނީ، ދައުރުވަމުން ދަނީ ހަގީގަތާ ހިލާފު ޚަބަރެއް ކަމަށާއި އެ ޤައުމުން މިހާތަނަށް ދަތުރުކުރި ހުރިހާ ޙައްޖާޖީންނަށް ވެސް ސަލާމަތުން މައްކާއަށް ދެވިއްޖެ ކަމަށެވެ.
މީގެއިތުރުން މޯރިޓޭނިއާ އެއާލައިނުން ވެސް ބުނެފައިވަނީ، މިއަހަރު އެ އެއާލައިނުން މުޅިއަކު ތިން ފްލައިޓު މައްކާއަށް ޙައްޖުވެރިން ގެންދިޔުމަށްޓަކައި ޝެޑިއުލް ކުރި ކަމަށާއި އެ ތިން ފްލައިޓުވެސް ވަނީ އެއްވެސް މައްސަލައަކާ ނުލައި ޖިއްދާއަަށް ޖައްސާފައި ކަމަށެވެ. ފްލައިޓުތައް ޝެޑިއުލް ކުރީ މިމަހުގެ 23، 24 އަދި 25 ވަނަ ދުވަހަށް ކަމުގައި ވެސް މޯރިޓޭނިއާ އެއާލައިނުން ބުނެފައިވެއެވެ.




