މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް 22 ފުރުސަތެކެވެ.
އެގޮތުން އަޒްހަރު ސްކޯލަރޝިޕްގެ ދަށުން، މިސްރުގައި ބެޗެލަރސް އޮފް ޝަރީޢާ ކިޔެވުމަށް 5 ފުރުސަތު އަދި ބެޗެލަރސް އޮފް ސައިންޓިފިކް/ ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތު ލިބިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޝަރީޢާ ދާއިރާއިންނާއި، ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް ބޭނުންވާ، އަލް އަޒްހަރު ސްކޯލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން ”މައި އެޑިއު“ ޕޯޓަލް މެދުވެރިކޮށް މި ސްކޯލަރޝިޕަށް ކުރިމަތިލެވޭނެއެވެ. އެ ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 12:00 އެވެ.
މި ސްކޯލަރޝިޕަށް ކުރިމަތިލެވޭ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ޝަހާދާ ޡާނަވިއްޔާއިން ފާސްވެފައިވުމާއެކު، އަޕްލޯޑް ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއެކު، އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހެއް ކަމުގައި ވާންޖެހޭނެ ކަމަށެވެ. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެނޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.



