ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ”ގެދޮރުވެރިޔާ މަޝްރޫއު“ އާ ގުޅިގެން ފްލެޓު ގެއްލުނު ފަރާތްތަކުގެ ހައްގު ހޯދުމަށް މަސައްކަތް ކުރަމުންދާ ފަހި ޔޫނިއަނުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަައިގައި ނިންމި ނިންމުމާއި އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރި ނިންމުމުގައި ފުށުއެރުންތައް ހުރުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއެކު އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ލިޔެކިއުންތައް ހޯދުމަށާއި ލިސްޓު ބާތިލު ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި ވާހަކައިގެ ލިޔުން އެ ކޮމިޝަނުގެ ފަރާތުން ހޯދައިދިނުމަށް ފަހި ޔޫނިއަނުން އައިކޮމްއަށް ހުށަހެޅި މައްސަލައިގެ ނިންމުމުގައި އެ ކޮމިޝަނުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅި ކަމުގައި ބުނެ، މީޑިއާގައި ދައުރުވަމުންދާ ހަބަރަކާ ގުޅިގެން އެޗްއާރްސީއެމުން ވަނީ އިއްޔެ ނޫސްބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އެޗްއާރްސީއެމުން ބުނެފައިވަނީ ފަހި ޔޫނިއަން ވ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް މައްސަލައިގެ ނިންމުން އިއުލާނު ކުރުމަށް 28 އެޕްރީލް 2025 ގައި ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ނިންމަވާފައިވަނީ، ”…މަތީގައި ހަވާލާދެވިފައިވާ އިލްތިމާސްއާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިއުންތަކާއި އިލްތިމާސް ބެލުމަށް ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު މަޢުލޫމާތު ހޯދުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެ އިދާރާއިން ފޯރުކޮށްދީފައިވާ މަޢުލޫމާތުގެ ތެރެއިން، މަޢުލޫމާތަށް އެދުނު ފަރާތުން ހިތްހަމަނުޖެހޭ ކަމަށް އިލްތިމާސްގަ ފާހަގަކޮށްފައިވާ މައުލޫމާތު ހުށަހެޅުމުގައި ހޯދަން އެދިފައިވާ މިންވަރަށް އެ އިދާރާއިން ދޫކޮށްފައިވާކަމަށް ކަނޑައަޅާ މި އިލްތިމާސް ބަލާ ނިންމައިފިން“ މި ފަދައިން ކަމަށެވެ.
އެގޮތުން ހަވާލާދީފައިވާ ނިންމުން ބިނާވާ އިލްތިމާސް ނުވަތަ މައްސަލައާ ގުޅިގެން ފުރަތަމަ ބައްދަލުވުން ބާއްވަވާފައިވަނީ 17 އެޕްރީލް 2025 ގައެވެ. އަދި މި މައްސަލަ ނިންމުމުގެ ބައްދަލުވުން ބާއްވަވާފައިވަނީ 28 އެޕްރީލް 2025 ގައިކަން އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް، އެ ކޮމިޝަނާ ލިޔުމުން ޙިއްސާކުރައްވާފައިވާ ނިންމުމުގައި 24 އެޕްރީލް 2025 ގެ ތާރީޚު ޖަހާފައިވާއިރު، އެ ނިންމުން އެޗްއާރްސީއެމްއާ ލިޔުމުން ޙިއްސާކޮށްފައިވަނީ ބައްދަލުވުން ބޭއްވެވިތާ 26 ދުވަސް ފަހުން، 25 މެއި 2025 ވީ އާދީއްތަ ދުވަހުގައިކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ނިންމުމަށް 28 އެޕްރީލް 2025 ގައި ބޭއްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރާ ޙަވާލާދެއްވާ އެ އޮފީހުން ހުށަހަޅުއްވައިދެއްވެވި ނިންމެވުމާއި، މި ކޮމިޝަނާ ލިޔުމުން ޙިއްސާކުރައްވާފައިވާ އިސްވެ ޙާވާލާދީފައިވާ ނިންމެވުމުގައި ބޮޑެތި ފުށުއެރުންތައް ހުރުމުން، މިއީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމުގައި ވަނީ ބުނެފައެވެ.
އެގޮތުން، އެ ކޮމިޝަނާ ލިޔުމުން ޙިއްސާކުރި ނިންމެވުމުގައި، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރައްވާފައިވާ ފަދައިން އެ ކޮމިޝަނުން ޢަމަލުކޮށްފައިނުވާކަމަށާއި، އެ މާއްދާއާ އެ ކޮމިޝަނުން ޚިލާފުވެފައިވާކަމަށް ކަނޑައަޅާކަމަށާއި، އެ ސަބަބަށްޓަކައި، ”ހޯދުމަށް އެދިފައިވާ މަޢުލޫމާތުގެ ތެރެއިން، ކޮމިޝަނާއި މިނިސްޓްރީއިން މި މަޝްރޫޢުއާއި ބެހޭގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި ބަދަލުކޮށްފައިވާ ލިޔެކިއުންތައް، އިދާރާގައި ހުރިކަން ނުވަތަ ނެތްކަން ލިޔުމުން، ރަސްމީ (5) ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް އަންގާ“ ކަމުގައި ބަޔާންކޮށްފައިވާކަން އެޗްއާރްސީއެމްއިން ވަނީ ފާހަގަ ކޮށްފައެވެ. މި އެންގުމަކީ 28 އެޕްރީލް 2025 ގައި މައްސަލަ ނިންމެވިއިރު އިއްވެވި ނިންމެވުމުގައި ހިމެނޭ ބައެއް ނޫންކަމުގައި އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އަދި މި ނިންމުން ނިންމެވި ތާރީޚުގައި ނިންމުމާގުޅޭ އެއްވެސް ލިޔުމެއް އެ ކޮމިޝަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ލިބިފައިނުވާކަމާއި، މައްސަލަ ނިންމުމަށް ބޭއްވި ބައްދަލުވުމުގައި އިއްވަވާފައިވާ ނިންމުމަށް ރިޢާޔަތްކުރާއިރު ކޮމިޝަނުން އިތުރަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއް ބަޔާންކުރައްވާފައި ނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި އެކޮމިޝަނަށް 25 މެއި 2025ގައި ލިޔުމުން ހިއްސާކުރައްވާފައިވާ ނިންމެވުމުގައި ބަޔާންކުރައްވާފައިވާ ފަދައިން ވަކި ކަމެއް އިދާރާއަކުން ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް އަންގާ ހާލަތުގައި، ނިންމެވުންތައް ނިންމަވާ ދުވަހު މައްސަލައިގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށް އެދުވަހު ނުވަތަ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މައްސަލައިގައި ނިންމަވާ ނިންމެވުން ޙިއްސާކުރެއްވުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް، މި މައްސަލައިގައި 28 އެޕްރީލް 2025 ގައި ނިންމެވި ނިންމެވުން އެ ކޮމިޝަނަށް ލިބިފައިވަނީ 26 ދުވަސް ފަހުން، 25 މޭ 2025 ގައި ކަމުގައިވާތީ، މައްސަލައިގެ ނިންމެވުމުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށް ދެއްވާފައިވާ 5 ދުވަހުގެ މުއްދަތު ފަހަނައަޅާފައިވާކަންވެސް އެޗްއާރްސީއެމުން ވަނީ ފާހަގަ ކޮށްފައެވެ.



