ލިޔެކިޔުންތަކުން 2007 ގެ ކުރިން މާލޭގައި އުޅެފައިވާކަން އެނގޭނަމަ ފްލެޓް ލިސްޓަށް ޝަރުތު ހަމަވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިވެފައި ވަނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށްދިނުމަށް އޮތް ދަތިކަމުގެ ސަަބަބުން ކަމަށެވެ.
”އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން 2007 ވަނަ އަހަރުގެ ކުރީން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ޝަރުތުހަމަވާ މީހެއް ކަމަށް ބަލާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފެށިކަން ރަސްމީ ލިޔެކިޔުމަކުން އެނގޭނަމަ އަދި 15 އަހަރުގެ މުއްދަތުގައި އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރިކަން ޔަގީން ނުކުރެވޭނަމަ އެ މީހަކު ބަލާނީ އެއީ 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި ކަމަށެވެ.
އެގޮތަށް ނިންމާފައި ވަނީ ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށް ފަހު އަލުން އެނބުރި ރަށަށް ދިރިއުޅުން ބަދަލު ކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމަކަށްވާތީ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުއްޠަލިބު ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އަޅަން ފަށާފައިވާ ހުރިހާ ފްލެޓްތަކުގެ މަސައްކަތް އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަންވެސް ހާމަކުރައްވާފައެވެ.



