އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކިޔު ކުޑަކުރަން ފަށާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ގެ ފުރަތަމަ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އަދި މާލެ ގްރޫޕް އޮފް ހޮސްޕިޓަލުގެ ޗެއާޕަރސަން އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އޮކްޓޯބަރު މަހު މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީމް ވިދާޅުވީ ޖީޕީ ކްލިނިކްތައް ހެދުމުން އެމަޖެންސީ ހާލަތްތައް ފިޔަވައި އާއްމު ބަލިތަކަށް ފަރުވާ ހޯދުމަށް އެ ކްލިނިކްގެ މެޑިކަލް އޮފިސަރަށް ދައްކައި، އެ ޑޮކްޓަރުގެ ލަފާގެ މަތިން ސީދާ ކްލިނިކުން ސްޕެޝަލިސްޓަށް ދެއްކުމަށް އައިޖީއެމްއެޗަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ ކިޔު ކުޑަކުރުމަށް ފަށާ ޖީޕީ ކްލިނިކްގެ ފުރަތަމަ ކްލިނިކް މި އަހަރުގެ ޖުލައި މަހު ފެށޭނެ ކަމަށެވެ. އަދި ވެމްކޯއާ ހަވާލު ކޮށްގެން އެ އިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް ވެސް ވިދާޅުވެފައިވެއެވެ.
ޖީޕީ ކްލިނިކްގެ ދެވަނަ ކްލިނިކް ވެސް މިހާރު އޮތީ ޕްލޭނިންގް ސްޓޭޖުގައި ކަމަށް ހަލީމް ވިދާޅުވެފައި ވެއެވެ.
އެ ހޮސްޕިޓަލުން ނިންމާފައިވަނީ މާލޭގެ ހަތަރު އަވަށެއްގައި ޖީޕީ ކްލިނިކް ހުޅުވާށެވެ.




