މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވާ ފަރާތްތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ”ރައްޔިތުންނާއެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަރަށް ތަފްސީލީ ގޮތެއްގައި ޙައްޖާޖީންނަށް އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާ ގޮތާގުޅޭގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާ އިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހުރިހާކަމެއް ހަމަޖެހިގެން ދިޔައީ ސައުދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުން ކަމަށާއި މިކަމުން ފެންނަނީ ސައުދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓާ ގާތްކަމުގެ އިތުރުން އެގައުމުން ރާއްޖެއަށްދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
”ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރިކޮށް، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ސައުދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަހަރު އެމަނިކުފާނުގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި އެއީވެސް ސައުދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްސަ ދަތުރެއް ކަމަށާއި، ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޕޮޑްކާސްޓުގެ މި އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޙައްޖަށް ފަހު އަންނަ ޢީދުގައިވެސް އުފާފާޅުކުރުމަށް ބާރުއަޅުއްވައި، ދީނީ މިންގަޑުތަކާ އެއްގޮތަށް އުފާފާޅުކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.




