ހުޅުމާލޭގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ޕްލޭނިންގ މަރުޙަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަމަށެވެ.
ޞިއްޙީ ޚިދުމަތުގެ ފެންވަރާއި، ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ގޮތުން މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ގިނަ މަސައްކަތްތަކެއް ނިންމާލެވި، ޚިދުމަތް ދޭން ފެށިފައިވާކަމަށާ، ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށްވެސް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލެއަކީ، އެތަނުގެ ތިން ފިޔަވަހި އެއްކޮށް ބަލައިލާއިރު، ތިންލައްކައެއްހާ މީހުންގެ އާބާދީއަށް ޕްލޭންކުރެވޭ ތަނެއްކަމަށާއި، އޭގެތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން، ނުވަތަ ދޮޅުލައްކައަކާ ގާތްކުރާ ޢަދަދަކަށް، މިހާރުވެސް މީހުން އުޅެން ފަށާފައި، ނޫނީ ދިރިއުޅެން ފެށުމުގެ މަރުޙަލާގައި އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ހުޅުމާލޭގެ ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމުގެ ކަންތައް އަދިވެސް އޮތީ ކުރިއަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން ހުޅުމާލޭގައި 250 އެނދުގެ އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ޕްލޭނިންގ މަރުޙަލާގައި ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެ މަނިކުފާނުގެ ވަޢުދުފުޅުތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކިއެކި މަޝްރޫޢުތައް، މިހާރު ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު، ބަލިޖެހުމުގެ ކުރިން ބަލިބަލީން ސަލާމަތްވެ ތިބުމީ އަދުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



