ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން“ ގެ އިފްތިތާޙީ ސެޝަންގައި އިއްވެވި ބަޔާނެއްގައެވެ.
މިބަޔާނުގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ވިލުންތެރިކަމާއި، ލޯ-ކާބަން ތަރައްޤީއަށް މަގުދައްކައިދޭ ގޮތަށް ދިވެހިރާއްޖެއިން ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) މި އަހަރު ހުށަހަޅާފައިވާކަން އެ މަނިކުފާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު، 2035 ވަނަ އަހަރު އަންނަން ވާއިރަށް، ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކޮށް، 2028 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ޢަޒުމު އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ކޮޕް-30 ގެ ކުރިން ހުރިހާ ޤައުމަކުންވެސް އެން.ޑީ.ސީ ހުށަހެޅުއްވުމަށާއި، މި މަސައްކަތުގައި ޢަޒުމު ވަރުގަދަކުރައްވައި، ކަމުގެ ހައްސާސްކަން ދަނެގެން، ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސްގެ ބަޔާނުގައި ޤައުމުތަކަށް ގޮވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ޙައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަޤުވާމީ ޢަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލުގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ޚާއްޞަ ފަންނިއްޔާތާއި ޤާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ފަދަ އެހީތެރިކަމަށް ސީދާ އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން މުހިންމުކަން އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ނައިބު ރައީސްގެ ބަޔާން ނިންމަވާލައްވާފައި ވަނީ، ގަނޑުފެން ގިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއަރ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ގާތުން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.



