ރާއްޖެއާއި ތަޖިކިސްތާނާއި ދެމެދު ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފިއެވެ.
މިކަމާއި މަޝްވަރާ ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ބޮޑުވަޒީރު ވަނީ ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ރާއްޖެއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަށް ވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ސީދާ ގޮތުން އޮތް ނުރައްކަލެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ދެބޭފުޅުންވެސް ފާޅުކުރެއްވިއެވެ.
ހަމައެހެންމެ ދެގައުމުގެ މެދުގައި، ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކޮށް އެ ގުޅުން އިތުރަށް ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުންވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ތަޖިކިސްތާނުން ވަނީ މި ސިނާއަތުގެ ބައިނަލްއަޤުވާމީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނަކަމުގައި ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ނައިބު ރައީސް ތަޖިކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.



