ބޮލީވުޑް ތަރިންގެ އެކްޓިންގަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް ވެސް ވަރަށް ކަމުދާ އެކްޓިންގެކެވެ. ޚާއްސަކޮށް އެ ތަރިން ކުޅޭ ލޯބީގެ ފިލްމުތަކަކީ، ލޯބީގެ ފުރިހަމަ މިސާލެއް ކަމުގައި ގިނަ މީހުން ދެކެއެވެ.
އެހެންކަމުން އެފަދަ ތަރިންގެ އަމިއްލަ ދިރިއުޅުމުގައި ވެސް، އެމީހުންނަކީ އެހާ ”ރޮމޭންޓިކް“ އަދި ފިލްމުތަކުން ދައްކުވައިދޭހާ ވަފާތެރި ބައެއް ކަމާމެދު ބައެއް މީހުން ސުވާލު އުފައްދައެވެ.
ހަގީގަތް ހޯދާލުމަށް ކުޑަކޮށް ދިރާސާ ކޮށްލުމުން ހާމަވީ، ބޮލީވުޑްގެ ފިލްމުތަކުގައި ވަރަށް އަސަރާއެކު ލޯބީގެ ފިލްމުތައް ކުޅުނު ބައެއް ތަރިން، އަމިއްލަ ދިރިއުޅުމުގައި އެމީހުންގެ އަނބިންނަށް ބޭވަފާތެރި ވެފައިވާ ކަމެވެ.
ތިރީގައިވަނީ އެފަދަ ބައެއް ތަރިންނެވެ.

° އާދިތުޔަ ޕަންޗޯލީ
ނުވަދިހައިގެ އަހަރުތަކުގެ ގިނަ ފިލްމުތަކުގައި ލޯބީގެ އެތައް ފިލްމުތަކެއް ކުޅުނު އަަދިތުޔަ ޕަންޗޯލީ، އޭނާގެ އެކްޓިންގެ އިތުރުން ޚަބަރުތަކުގައި އެންމެ މަޝްހޫރު ވެފައިވަނީ އޭނާގެ އަނބިމީހާ ޒަރީނާ ވައްހާބަށް އަބަދުވެސް ބޭވަފާތެރިވަމުން އަންނަ ތަރިއެއްގެ ގޮތުގައެވެ.
އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ، މަޝްހޫރު އެކްޓްރެސް ކަންގްނާ ރަނާވަތު އެމީހުންގެ ގޭގައި ބަހައްޓައިގެން އޭނާއާއެކު އަނބިމީހާއަށް ބޭވަފާތެރިވި ވާހަކައެވެ. މިވާހަކަތަށް އާދިތުޔަ ދޮގުކުރިނަމަވެސް ކަންގްނާ ވަނީ ހެއްކާއެކު ސާބިތު ކޮށްދީފައެވެ. އަދި އާދިތުޔަ އޭނާގެ ފައިދާ ނެގީ ކަމަށާއި ގަދަކަމުން ގޭގައި ފަހުން ބެހެއްޓިކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.

° ދަރްމެންދްރަ
ލެޖެންޑަރީ މި އެކްޓަރު ވަނީ 80 ގެ އަހަރުތަކުގައި ގިނަ ބައެއްގެ ތަރުހީބު އޭނާގެ ފިލްމުތަކުން ހޯދާފައެވެ. އެއިރުގެ އަނބިމީހާ ޕްރަކާޝް ކޯރް އާއެކު އުފާވެރި ކައިވެންޏެއްގައި އުޅެމުން ދިޔަ ނަމަވެސް، ”ޑްރީމް ގަރލް“ ހޯދުމުގެ މަސައްކަތުގައި އޭނާވަނީ ހެމާ މާލިނީ އާ ލޯބީގެ ގޮތުން ގުޅެ، އުފާވެރި ކައިވެނި ރޫޅާލައި، ހެމާއާ ފަހުން ކައިވެނި ވެސް ކޮށްފައެވެ.
° އަމީތާބް ބަޗަން
ޖަޔާ ބަޗަންއަށް އަމީތާބު ބޭވަފާތެރިވީ ވާހަކައަކީ މުޅި ދުނިޔެއަށް މަޝްހޫރު ވާހަކައެކެވެ. ރޭކާ އާއެކު ބޭވަފާތެރިވި ވާހަކައަކީ ޖަޔާއަށް ވެސް ފަހުން އެނގިފައިވީ ވާހަކައެއް ނަމަވެސް އޭނާ އަމީތާބު ދޫކޮށްލާފައެއް ނުވެއެވެ. ޚަބަރުތަކުން ބުނެފައިވާ ގޮތުގައި އަމީތާބު ވެސް އެއިރު އުޅުނީ ލޯިވެރިޔާއަށްޓަކައި އަނބިދަރިން ދޫކޮށްލާށެވެ. ނަމަވެސް އެ ގުޅުމުން ދުރަށް ދިޔައީ ރޭކާ އަމިއްލައަށްކަން އެނގިފައިވެއެވެ. އަދި މިހާރު މި ދެތަރިންނަކީ ޝޯއަކުން ފެނުނަސް އެކަކު އަނެކަކު ދަންނަ ކަމަށް ނުހަދާ ދެ ތަރިންނެވެ.
° އާމިރް ޚާން
އޭނާގެ ހައިސްކޫލް ސްވީޓްހާޓް ރީނާއާ ކައިވެނިކޮށް އެ ކައިވެންޏަށް 15 އަހަރު ވެފައިވަނިކޮށް، އާމިރްގެ އެއިރުގެ އެސިސްޓަންޓް ކިރަން ރާއޯ އާއެކު ބޭވަފާތެރިވި ޚަބަރުން ގިނަ ބަޔަކު މާޔޫސް ވިއެވެ. އެ ކައިވެނި ރޫޅާލުމަށްފަހު އާމިރް ވަނީ ކިރަން އާ ކައިވެނި ކޮށްފައެވެ. ނަމަވެސް ކިރަން އާ ކުރި ކައިވެނި 2022 ގައި ރޫޅާލުމަށްފަހު މިހާރު އާމިރް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ މިހާރުގެ އެސިސްޓަންޓާއެވެ.



