މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެނދެކަނބަލުން ސައުދީ އަރަބިއާއަަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މިއަދު ފުރާވަޑައިގެންނެވީ، ސައުދީ ސަރުކާރުގެ ޚާއްސަ މެހެމާންދާރީގެ ދަށުންނެވެ.
އެގޮތުން ރައީސްގެ ޙައްޖު ދަތުރުފުޅުގައި އަރިހުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ އެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުން މިއަދު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ޙައްޖަށް ވަޑައިގަންނަވަނީ ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ދަށުން ކަމުގައި ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން އަޑުފަތުރާފައެވެ.
ނަމަވެސް އިއްޔެ ގެނެސްދިން ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ 7ވަނަ އެޕިސޯޑުގައި ރައީސް މުޢިއްޒު ވަނީ އެވާހަކަތަށް ދޮގުކުރައްވާފައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އާންމުކޮށް ވެސް މީހުން ދޮގު ހަދައިގެން ވާހަކަ ދައްކައި އުޅުމަކީ ދެރަކަމެއް ކަމަށާއި އެމަނިކުފާނަށާއި އަދި މީގެ ކުރިން ވެރިކަން ކުރެއްވި ފަރާތްތަކަށް ވެސްދޭ ޚާއްސަ ފުރުސަތުތަކަކީ ކޯޓާ ތެރެއިންދާ ކަމެއް ނޫން ކަމަށެވެ.
އެފަދަ ފުރުސަތުތަކަކީ ކޯޓާގެ ބޭރުން ވަކިން ހަމަޖައްސައިދޭ ކަންކަން ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
”އަޅުގަނޑަށް ވަރަށް ޚާއްސަ ގޮތަކަށް މިކަންކަން ހަމަޖައްސައިދީފައި މިވަނީ. ވަކިން ފްލައިޓެއްވެސް ހަމަޖައްސައިދީފަ. އެއީ ވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ޖެހޭ ކަމެއް ނޫން. އަޅުގަނޑުގެ ޙައްޖުގެ އެއްވެސް ކަމަކީ ކޯޓާގެ ތެރެއިން ހިނގާކަމެއް ނޫން، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ވެސް ހިނގާ ކަމެއް ނޫން.“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޙައްޖުގެ ދަތުރުފުޅު ހަމަޖެހިފައިވަނީ ސައުދީ އަރަބިއާގެ މެހެންދާރީގެ ފަރާތުން، ސައުދީ ރޯޔަލް ކޯޓުން ކަމަށެވެ.



