ރާއްޖޭގެ ސަރަހައްދުގެ މުހިންމު ކަމުގެ ނާޖާއިޒު ފައިދާ ނަގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަަމށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ އަވަށްޓެރި ޝްރީ ލަންކާގެ ”ސިލޯން ޓްރޭޑް“ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނަނުދިން ޗައިނާގެ ރިސާޗު އުޅަނދު ”ޝިއަންގް ޔަންގް ހޮންގް“ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ވެސް އައެވެ. އަދި އެ އުޅަނދު ރާއްޖެ އައުމުން ޗައިނާގެ އެންމެ ބޮޑު ވާދަވެރި ގައުމު އިންޑިއާއިން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެ އުޅަނދުން ރާއްޖޭގައި ރިސާޗްކުރަނީ އަސްކަރީ ބޭނުންތަކަށެވެ. އެކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އޭރު ވަނީ އެ އުޅަނދުން އެއްވެސް ރިސާޗު މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފައެވެ.
މިކަމާ ބެހޭގޮތުން ރައީސް މުޢިއްޒުގެ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ބައެއް ގައުމުތަކާއި ހިޔާލުތަފާތުވުންތައް އުފެދުނު ނަމަވެސް ރާއްޖެއިން މަސައްކަތްކުރަނީ ހުރިހާ ގައުމުތަކާއެކު އެކުވެރި ގުޅުމެއް ގާއިމުކުރުމަށް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާ ދެމެދު ގެންގުޅޭ ސްޓޭންޑަށް ބަދަލު ގެންނާނީ ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”(ޗައިނާގެ އުޅަނދު ރާއްޖެ އަށް އައުން) އެއީ އެއްވެސް ގައުމަކާއި މައްސަލައެއް ޖެހުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ނޫން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ބޭރުގެ އުޅަނދުތައް ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދަށް ވަންނަ ހުއްދަދެނީ ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް، މި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ގާއިމުކުރެވިފައިވާ ހުރިހާ ޕްރޮޓޮކޯލްތަކަކާއި ބައިނަލްއަގްވާމީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.




