މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ނަންބަރު އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން މިއަދު އިއުލާނު ކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ކަވަރު ކުރާ އަދަދު 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އައިޖީއެމްއެޗްގައި ނަންބަރު އައިނު ވިޔަފާރި ފެށުމަށް ސަރުކާރުން ނިންމާފައިވަނީ، އައިނު ހެއްދުމަށް އާސަންދައިން ކަވަރުކުރާ އަދަދު މަތިކުރުމާ ގުޅިގެން އޭގެ ފައިދާ އެ ިޔަފާރިކުރާ ޕްރައިވެޓް ސެކްޓަރުތަކުގެ ކުންފުނިތަކުން ނެގުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ އިތުރުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުން ވެސް މި ހިދުމަތް ލިބިގެންދާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”ޕްރައިވެޓް ސެކްޓަރުގެ އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. ދެން ޕްރައިވެޓް ސެކްޓަރގައި ވެސް މި ކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗްއާ ވާދަ ކުރަން. އެ ފެންވަރުގެ އައިނާއި ދުނިގަނޑު ޕްރައިވެޓް ސެކްޓަރ އިން ވެސް ޖެހޭނީ ހައްދައިދޭން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



