ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަންދެއްވާފައި މި ވަނީ، ޕީ.އެސް.އެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އަހަރުތަކެއް ވަންދެން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފް ރޭޓްގެ މައްސަލާގައި ވަޢުދުފުޅާ އެއްގޮތަށް ކަރަންޓު ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ރޭގައި އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓްގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.
ޕީ.އެސް.އެމްއަށް ދެއްވި ބަސްދީގަތުމުގައި މިކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށާ، ހަކަތައިގެ ސިޔާސަތުގެ ކަންކަން ބެލެހެއްޓެވުމުގައި ސަރުކާރުގެ ފަރާތުން ނުވަތަ ކުންފުނިތަކެއްގެ ނާޤާބިލުކަމެއްގެ ސަބަބުން އުފެދޭ ތަކުލީފުތައް ރައްޔިތުން އުފުއްލަވަން އެދިވަޑައިނުގަންނަވާކަމުގައެވެ.
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމުގައި ވާ ހިނދު، ދެމެހެއްޓެނިވި ގޮތެއްގައި މިކަން މެނޭޖުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާ ކުންފުނިތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަންހުރިކަންވެސް ފާހަގަކުރައްވާފައެވެ.
”މީ ރާއްޖޭގެ ތާރީޚުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަށް ކަމެއް ކުރި. މިކަން އަޅުގަނޑު މި ކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއް ނޫން ކުންފުނިތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖުކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށް. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



