ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 35 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީ ދެ ސަރަހައްދެއް ބަލާފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 35 ބިދޭސީން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އިމިގްރޭޝަނުގެ ޓާސްކްފޯސްއިން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން 9:15އާ ހަމައަށް ކަމަށް ބުނެފައި ވެއެވެ.
އަދި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ކަމުގައިވާ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިންގ ސަރަހައްދުގައި ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި ޖުމްލަ 121 ބިދޭސީން ބަލައި ފާސްކޮށް، މީގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 35 ބިދޭސީން އިއްޔެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 2 ތަނެއް ބަލައި ފާސްކޮށް 102 ބިދޭސީން ޗެކްކޮށް، ސައްޚަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ 25 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ.



