މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ބަަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ.
ސްޓެލްކޯ އިން މިއަދު މެންދުރު 12:30 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މިކަމަށް އިޝާރާތްކުރައްވާ ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
ހަމައެހެންމެ އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



