ސަމޯއާގެ ދައުލަތުގެ އިސްވެރިޔާ، ހިޒް ހައިނަސް ޓޫއިމަލެ އަލިފާނޯ ވާލެޓޯއާ ސުއަލައުވީ ދެވަނައަށާއި ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
“ މިނިވަން ދުވަސް ފާހަގަކުރުމަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ޢަޒުމު އައުކޮށްދޭ އަދި އަންނަން އޮތް ހުރިހާ ޖީލުތަކަށްޓަކައި ޤައުމުގެ ތަރައްޤީގެ މަގު ކަނޑައެޅުމުގެ އަޒުމު ހަނދާންކޮށްދޭ މުނާސަބަތެއް“ ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތަކެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއާއި ސަމޯއާއަށް ދިމާވާ ގޮންޖެހުންތަކަކީ އެއްގޮތް ގޮންޖެހުންތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން އިތުރުކުރެވިދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.




