އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 32 މީހުން ޝަހީދުކޮށްލައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ޣައްޒާގެ ހެލްތު މިނިސްޓްރީންނެވެ.
ފަލަސްތީނުގެ އެންކްލޭވްގެ ހެލްތު މިނިސްޓްރީއާ ހަވާާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލްތަކުގައި 37 މީހަކު ޝަހީދުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން އެ މީހުންގެ ތެރެއިން އިއްޔެގެ ކުރިން ޝަހީދުވި ފަސް މީހުން ހިމެނޭކަމަށް ވަނީ ބުނެފައެވެ.
“އިއްޔެގެ ހަމަލާތަކުގައި 32 މީހަކު ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި،އަދި އެ ހަަމލާތަކުގައި ޒަހަމްވެގެން 136 މީހުން ގެނެސްފައިވޭ“ އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުނަށް އެ މީހުނާއި ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް އެތައް ބަޔަކު ހަލާކުވެފައިވާ އިމާރާތްތަކުގެ ގައު ކުނޑިތަކުގެ ދަށުވެފައިވާ ކަމަށެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށިފަހުން މި އަހަަރުގެ ޖެނުއަރީ މަހު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ރޫޅާލާ މާޗް މަހުގެ 18 ވަނަ ދުވަހު ވަނީ ޣައްޒާއަށް ބޮޑެތި ހަމަލާތަކެއްދީފައެވެ.
އެ މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާޗް 18 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ސިފައިން ދެމުން އަންނަ ހަމަލާތަކުގައި ވަނީ 4،149 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 12،500 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ހަމަލާދޭން ފެށިފަހުން ޝަހީދުވީ މީހުންގެ ޖުމްލަ އަދަދު 54،418 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
އަދި ހަމަލާތަށް ފެށިފަހުން ފަަލަސްތީނުން ޒަޚަމްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 124،190 އަރާފައެވެ.




