ކަނޑުތަކުން އުފައްދާ އޮކްސިޖަން މަދުވަމުންދާ ކަމަށް ތިމާވެށީގެ މާހިރުން ބުނެފިއެވެ.
މި މަހު 5 ގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހާއި ގުޅިގެން، ތިމާވެށީގެ މާހިރުން ނެރެފައިވާ ރިޕޯޓަކާއި ހަވާލާދީ މިކަންހާމަކޮށްފައި ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން ބުނީ ތިމާވެށީގެ މާހިރުންނާއި ހަވާލާދީ މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންސާނުން ނޭވާލުމަށް ބޭނުންވާ 50% އިންސައްތައަށްވުރެ ގިނަ އޮކްސިޖަން އުފައްދަނީ ކަނޑުތަކުން ކަމަށެވެ.
ނަމަވެސް، ޕްލާސްޓިކުގެ ސަބަބުން ކަނޑުތަކަށް ނޭވާ ނުލެވޭ ހިސާބަށް ދާކަމަށް މާހިރުން ވަނީ ބުނެފައެވެ.
އެގޮތުން ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ އަހަރަކު 8 މިލިއަން ޓަނަށްވުރެ ގިނަ ޕްލާސްޓިކް ކަނޑުތަކަށް އެޅެއެވެ.
އަދި އެކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި މުޅި ކަނޑުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކަނޑުތައް ސާފުކޮށް ބެލެހެއްޓުމަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ޒިންމާއެއްކަމަށް ދެކިގެން އެކަން ކުރުން ވަރަށް މުހިންމެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފައިވެއެވެ.
މީގެ ތެރޭގައި ރަށްރަށުގައި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ސްކޫލްތަކުގައި ހިންގޭ ހާއްސަ ސެޝަންތައް ހިމެނެއެވެ.



