ފުލުހުން ޓޯކޮށްފައިވާ 568 އަށް އުޅަނދު ނައްތާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 568 އުޅަނދު ގަވައިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
”ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ނައްތާލާފައިވަނީ 2025 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ އުޅަނދުތަކެވެ.
ނިމުނު 2024ވަނަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.



