އިޓަލީ ވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، ސަރޖިއޯ މަޓަރެއްލާއަށާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް، ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
އެގޮތުން އިޓަލީ ވިލާތުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސްގެ ސިޓީފުޅުގައި ވަނީ އިޓަލީ ވިލާތުގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އަދި ފާއިތުވި ދުވަސްތަކުގައި، ޚާއްޞަކޮށް ފަތުރުވެރިކަމާއި، ސަގާފަތާއި އަދި ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާކަން ރައީސް ވަނި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކުރިމަގުގައި ރައީސް މަޓަރެއްލާއާ އެކުގައި ގާތުން މަސައްކަތްކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުޤުވެރިވާ ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ.
އިޓަލީ ވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، 1966 ވަނަ އަހަރު ދިވެހިރާއްޖެއާއި އިޓަލީ ވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިފަހުން މިއަދާއި ހަމައަށް އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައި އިޓަލީ ވިލާތުން އަދާކުރި މުހިންމު ދައުރަށް އިޝާރާތްކުރައްވައި، ރައީސް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ފަސް ޓޫރިސްޓް މާކެޓުގެ ތެރޭގައި އެ ޤައުމު ހިމެނޭކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައިވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޕޯސްޓެއް ހިއްސާކުރައްވާފައެވެ.



