ފަށާ މަދަދު ލޯނަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވައްސަށް މި މަހު ހުޅުވާލަން ނިންމައިފިއެވެ.
ފަށާ މަދަދު ލޯނަކީ އަންހެން ވިޔަފާރިވެރިންނަށްް ޚާއްޞަ 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ލޯން ސްކީމެކެވެ. އޭގެ ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.
މީގެ އިތުރުން މި ލޯން ސްކީމްގައި %25 ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އެ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެޕްލިކޭޝަން ބަލައިގަތުން 15 ޖޫން 2025 ގައި ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް ތައާރަފުކޮށްފައިވާ ލޯން ސްކީމެކެވެ.
މިގޮތުން މި ސްކީމުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.



