އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.
އޮސްޓްރޭލިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކުރަނީ ”ގާޑިއަން ކްލާސް“ ޕެޓްރޯލް ބޯޓެކެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިކަންހާމަކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައެވެ.
މި މަޝްވަރާތަކަށްފަހު ޑިފެންސް މިނިސްޓަރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ދެެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓްގައި މިނިސްޓަރު ޣައްސާނު ވިދާޅުވީ އަސްކަރީ އުޅަނދު ހަދިޔާކުރެއްވުމަށް އޮސްޓްރޭލިޔާއިން ނިންމެވި ނިންމުމަކީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
”މި ވެސްލް ބަނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން. އަދި މިކަން ކަނޑުގެ އަސްކަރިއްޔާގެ ކުރިއެރުމަށް ބޮޑު އެހީއަކަށް ވާނެ“ މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.
އަދި އޮސްޓްރޭލިޔާ އިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށްވެސް ބާރަކަށްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިކަމަށް އިޝާރާތްކުރައްވާ އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ރިޗާޑް މާލްސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދީ ސަލާމަތާ ރައްކާތެރިކަން އޮސްޓްރޭލިޔާގެ އިޤްތިޞާދާ ވިޔަފާރިއަށްވެސް މުހިންމު ކަމަށެވެ.
މިގޮތުން މިހާރު ކުރިއަށް ދަނީ އެ ބޯޓު ބަނުމުގެ މަސައްކަތް ކަމަށާއި އަންނަ އަހަރު އެ މަސައްކަތް ނިންމައި، އެމްއެންޑީއެފްއާ ހަވާލުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



