ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ހިމެނޭހެން ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެެއްގައި އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދިޔަ މެއި މަހުގެ 27 ގަ އެވެ.
އެ މަޤާމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންނަކީ:
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
ކުރީގެ އެކްޓިން ކޮމިޝަނަރު ފަރުހާދު ފިކުރީ
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝަމީމް
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
މި މަޤާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުޖާއު އިސްތިއުފާދެއްވުމުން ރައީސް ވަނީ އެ މަޤާމަށް ވަގުތީގޮތުން ބޭފުޅަކު އައްޔަނު ކުރައްވާފައެވެ.



