ޕޮލެންޑްގެ އިންތިޚާބީ ރައީސް ކާރޯލް ނަވްރޮޓްސްކީ، އެ ޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ޕޮލެންޑްގެ ރައްޔިތުން އެދޭ އުސްމިންތަކަށް އެ ޤައުމު ގެންގޮސްދެވޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް ވަނީ އެ މަނިކުފާނާއި ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި ވަނީ، އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޕޮލެންޑްގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.



