ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއި ކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ޗެއާޕާސަން، ލުބްނާ ޒާހިރު އެވެ.
އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންއެވެ.
ނެޝަނަލް ޑްރަގް އެޖެންސީގައި ކުރިއަށްގެންދިޔަ މި އެއްބަސްވުމުގެ ސަބަބުން ރީއިންޓަގްރޭޝަން މަރުހަލާގައި ކްލައިންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްކިލް ބޭސްޑް ތަމްރީނުތަކެއްދޭނެ ކަމަށް އެންޑީއޭ އިން ހާމަކުރެއެވެ.
މި ޕްރޮގްރާމުގެ އަމާޒަކީ ކްލައިންޓުންނަށް އައު ޓެކްނިކްތައް ދަސްކޮށްދީ، ކްލައިންޓުންގެ މުސްތަގުބަލުގައި ކުރިއެރުމަށް އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.




