ތިމާވެއްޓާއި ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަން ހާމަކުރައްވައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދުނިޔޭގެ ބައިސްކަލު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދުނިޔޭގެ ބައިސްކަލް ދުވަސް ފާހަގަކުރަނީ ބައިސްކަލުން އަހަރެމެންގެ ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރަން ކަމަށެވެ.
”ބައިސްކަލަކީ އަގުހެޔޮކޮށް ދަތުރުކުރެވޭ ދެމެހެއްޓެނިވި، ތިމާވެއްޓާއި ރަހުމަތްތެރި އުޅަނދެއް“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ އިންޖީނުލީ އުޅަނދުފަހަރުން ރަށްރަށް ތޮއްޖެހެމުންދާއިރު، ދަތުރުފަތުރުގެ ނިޒާމުތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ތިމާވެއްޓާއި ރަހުމަތްތެރި ބައިސްކަލު ތައާރަފްކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.



